ގެވެށި އަނިޔާއަކީ ކޮބާ؟
ގެވެށި އަނިޔާއަކީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް، ގެވެށި އަނިޔާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ ޢަމަލެއް ހިންގުމެވެ.
ޒާތީ ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ކިހިނެއް؟
- ގުޅުމުގެ ބާވަތާއި ވައްތަރަށް ކޯޓުން ރިޢާޔަތްކުރާނެ
- އޮތް ގުޅުމުގެ ޚާއްޞަކަން ދެ މީހުންނަށް ވަޒަންކުރެވޭ މިންވަރަށް ކޯޓުން ރިޢާޔަތްކުރާނެ
- އެކުގައި ވަގުތު ހޭދަކުރާ މިންވަރަށް ކޯޓުން ރިޢާޔަތްކުރާނެ
- ދިރިއުޅުމުގެ ކަންކަން އެކުގައި ހިއްސާކުރާ މިންވަރަށް ކޯޓުން ރިޢާޔަތްކުރާނެ
- އެކުގައި ވަގުތު ހިއްސާކުރާ ތަނުގެ ބާވަތަށް ކޯޓުން ރިޢާޔަތްކުރާނެ
- ގުޅުމުގެ މުއްދަތަށް ކޯޓުން ރިޢާޔަތްކުރާނެ
ގެވެށި ގުޅުމުން ގުޅިފައިވާ ފަރާތްތަކަކީ ކޮބާ؟
- ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
- އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން ނުވަތަ އެގޮތަށް ވަރަށް ފަހަކާ ޖެހެންދެން އުޅެފައިވާ މީހުން.
- މައިންބަފައިން ނުވަތަ ބެލެނިވެރިޔެއްގެ ގޮތުން ނުވަތަ ބަލަދުވެރިއެއްގެ ގޮތުން ކުއްޖަކު ބަލާ ބޮޑުކުރުމުގެ ޒިންމާއާ ޙަވާލުވެފައިވާ މީހުން
- ނަސަބުގެ ގޮތުން، ނުވަތަ ގާތްތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ޢާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން
- ގޭގައި ދަރިން ބެލުމަށް ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށް އުޅޭ މީހުން
- ޒާތީ ގުޅުމެއް އޮތް މީހުން
ރައްކާތެރިކުރުމުގެ އަމުރަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަމުރަކީ، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެ ޢަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ ޢަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ ޢަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ޤާނޫނީ އަމުރެކެވެ.
ގެވެށި އަނިޔާގެ ޢަމަލުގެ ގޮތުގައި ބެލެވޭ ޢަމަލުތަކަކީ ކޮބާ؟
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައިވާ ފަދައިން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ ގެއްލުމެއް ލިބިދާނެފަދަ ބިރު އިޙްސާސްވާފަދަ މި މާއްދާގައި ބަޔާންކުރާފަދަ ޢަމަލެއް ނުވަތަ ޢަމަލުތަކެއް ހިންގުން، މިސާލަކަށް: ޖިސްމާނީ އަނިޔާކުރުން، ޖިންސީ އަނިޔާކުރުން، ބިރުދެއްކުން، ފާރަލުން، މުދަލަށް ގެއްލުން ދިނުން، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި މާބަނޑުކުރުމުން، މާލީގޮތުން ދަތިކުރުން
ކުޑަކުއްޖެއް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ރައްކާތެރިކުރުމުގެ އަމުރަށް އެދޭނީ ކިހިނެތް؟
އަމުރަކަށް އެދެނީ ކުޑަކުއްޖަކުނަމަ ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްނަމަ، އެކަން އަންނަނިވި ފަރާތަކުންކުރެ ފަރާތަކަށް އެދެވިދާނެ:
- އެފަރާތެއް އަމިއްލައަށް
- މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ ބެލުމުގެ ޒިންމާއާ ޙަވާލުވެހުރި ފަރާތް
- ޢަމަލު ހިނގަމުންދާތަން ފެންނަ މީހާ
- ޢާއިލާގެ މެންބަރެއް
- ރަޙްމަތްތެރިއެއް
- އޮތޯރިޓީ ނުވަތަ މިނިސްޓްރީ
- ޞިއްޙީ ނުވަތަ އިޖްތިމާޢީ ޚިދުމަތްދޭ ފަރާތެއްގެ މުވައްޒަފެއް
- ސަރުކާރުގެ ކަމާބެހޭ އިދާރާގެ މުވައްޒަފެއް
- ކަމާގުޅޭ އަމިއްލަ ޖަމްޢިއްޔާގެ މުވައްޒަފެއް ނުވަތަ މެންބަރެއް
- ގެވެށި އަނިޔާގެ އަމަލު ހިނގާކަމުގެ މަޢުލޫމާތު ލިބިފައިވާ ކޮންމެ މީހެއް
ރައްކާތެރިކުރުމުގެ އަމުރަށް އެދޭނީ ކިހިނެތް؟
ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް އަމުރެއް ނެރެދިނުމަށްއެދި، އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ކޯޓަށް ހުށަހެޅުމެވެ.
ތިންވަނަ ފަރާތެއް މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރަކަށް މީހަކު އެދިއްޖެނަމަ، ކޯޓުން ކަށަވަރުކުރާނެ ކަންކަމަކީ ކޮބާ؟
- އޭނާ ޙަޤީޤަތުގައިވެސް އެފަދަ އަމުރަކަށް އެދެން ބޭނުންވޭތޯ
- އަމުރަކަށް އެދިފައިވަނީ، އޭނާ ކަނޑައަޅާފައިވާ ފަރާތްތޯ
- އޭނާ އެމީހަކު ކަނޑައަޅާފައިވަނީ، އެނާގެ ފުރިހަމަ އިޚްތިޔާރުގައިތޯ
- އޭނާގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތް އެކަމަށް އެއްބަސްވޭތޯ
- އަމުރަކަށް އެދިފައިވާ ފަރާތާއި އޭނާ ތަމްސީލުކުރުމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތާ ދެމެދު މަޞްލަޙަތުގެ ފުށުއެރުމެއްވޭތޯ
ތިންވަނަ ފަރާތެއް މެދުވެރިކޮށް އަމުރަށް އެދެވިދާނެތަ؟
އާއެކެވެ. ހުރެވުނު ޙާލަތުގެ ގޮތުން އެކަމަށް ޢަމަލީ ގޮތުން ނުކުޅެދިގެން، ނުވަތަ އެކަން ކުރުމުގައި ބިރެއް އިޙްސާސްކުރެވޭނަމަ، ނުވަތަ ހުރި ޙާލަތުގެ ގޮތުން އަމިއްލަ ނަމުގައި އަމުރަކަށް އެދުމަކީ މަޞްލަޙަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ބުރޫއަރާފާނެ ކަމެއް ކަމުގައިވާނަމަ، އެ މީހަކު ކަނޑައަޅާ މީހަކު މެދުވެރިކޮށްވެސް އަމުރަކަށް އެދެވިދާނެއެވެ. މިގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާގެ ޢާއިލާއާއި ތިމާގެ މީހުންނާއި ރަޙްމަތްތެރިންނާއި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްޢިއްޔާތައް ތިންވަނަ ފަރާތެއްގެ ގޮތުގައި ހިމެނެއެވެ.
ފޯމު ހުށަހެޅުމަށް ފީ އެއް ނަގާތަ؟
އާއެކެވެ. ފޯމުގެ ފީގެ ގޮތުގައި ނަގާނީ 25 ރުފިޔާއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހެނީ ކޮން ލިޔެކިޔުންތަކެއް؟
- އަމުރަށްއެދި ހުށަހަޅާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ
- ދަޢުވާގައި ކުދިން ހިމެނޭނަމަ، ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ
- މައްސަލައާގުޅޭ ކަމެއް އެހެން އިދާރާއަކަށް ހުށަހަޅާފައިވާނަމަ، އެ ލިޔުންތަކުގެ ކޮޕީ
- އަމުރަށް އެދޭ ފަރާތާއި އަމުރު ރައްދުވާ ފަރާތުގެ ގެވެށި ގުޅުން އޮތްކަން އެނގޭނެ ލިޔުމެއްވާނަމަ، އެ ލިޔުން
- ލިބިފައިވާ ގެއްލުމަށް ޞިއްޙީ އެއްވެސް އިދާރާއަކުން ފަރުވާ ހޯދާފައިވާނަމަ އެކަން އެނގޭނެ ޑޮކްޓަރުގެ ލިޔުން
- އަމުރަށް އެދެނީ ތިންވަނަ ފަރާތެއްނަމަ، ގެވެށި އަނިޔާގެ ޝިކާރައަށްވީ މީހާގެ ފަރާތުން ޢަމުރަށްއެދި ހުށަހެޅުމަށް ވެފައިވާ އިޤްރާރު (ކުޑަކުއްޖެއް ނުވަތަ ނުކުޅެދޭ މީހެއްގެ ފަރާތުން އަމުރަކަށްއެދި ހުށަހަޅާނަމަ، މިފަދަ އިޤްރާރެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.)
ގެވެށި ގުޅުން އޮތްކަން އެނގޭނެ ލިޔުމަކީ ކޮބާ؟
ގެވެށި ގުޅުން އޮތްކަން އެނގޭނެ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފަރިންކަން ސާބިތުކުރުމަށް ކާވެނީގެ ސެޓްފިކެޓް އަދި ޢާއިލީ ގުޅުން އޮތްކަން ސާބިތުކުރުމަށް އުފަން ދަވަހުގެ ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތަކެވެ.
މައްސަލަ ހުށަހެޅުމަށްފަހު ކޯޓުން ގޮތެއް ނިންމުމާމެދު ކިހާ މުއްދަތެއް ހޭދަވާނެތޯ؟
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ މައްސަލަތަކަކީ ކޯޓުގެ އަވަސް ޓްރެކްގައި ހިންގޭ މައްސަލަތައް ކަމުން، ޢާއްމު އުސޫލުން ހުށަހެޅޭ މައްސަލަތަކަށްވުރެ އަވަހަށް އަޑުއެހުންތައް ބާއްވައި މައްސަލައިގައި ގޮތެއް ނިންމާނެއެވެ.
ފޯމުގައި ގެވެށީ އަނިޔާގެ އަމަލުގެ ގޮތުގައި 1 ގޮޅިއަށްވެރެ ގިނަ ގޮޅީގައި ފާހަގަލެވިދާނެތަ؟
އާއެކެވެ. ހިނގާފައިވާ ޙާދިސާގައި ގެވެށި އަނިޔާގެ ގިނަ ޢަމަލުތަކެއް ހިމެނިގެންވާނަމަ ނުވަތަ އެކި ފަހަރު މަތިން ގެވެށި އަނިޔާގެ އެކި ޢަމަލު ހިންގާފައިވާނަމަ، ގެވެށި އަނިޔާގެ އަމަލުގެ ގޮތުގައި ބެލެވޭ ކަންކަމުގައި ފާހަގަލެވޭނެއެވެ.
ރައްކާތެރިކުރުމުގެ އަމުރަކާއެކު ތަފްރީޤް އަމުރަކަށް އެދެވިދާނެތަ؟
އާއެކެވެ. ރައްކާތެރިކުރުމުގެ އަމުރަކަށް ނުވަތަ ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދުމާއެކު ތަފްރީޤު އަމުރަކަށްވެސް އެދެވިދާނެއެވެ.
ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެދޭނެ ޙާލަތްތަކަކީ ކޮބާ؟
އަންނަނިވި ކަންކަން ކޯޓަށް ކަށަވަރުކުރެވޭކަމަށްވާނަމަ، ރައްކާތެރިކުރުމުގެ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
- އަމުރު ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ބެލެވޭ ޢަމަލެއް ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަން.
- އެފަދަ އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ ނުވަތަ އެފަރާތުގެ ދަރިއެއްގެ ނުވަތަ އެފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަން.
ދަޢުވާ ސާބިތުކުރުމަށް ހެކީގެ ގޮތުގައި ލިޔެކިޔުން ހުށަހެޅޭނެތޯ؟
ގެވެށި އަނިޔާގެ ޢަމަލެއް ސާބިތުކުރުމަށް ބޭނުންވާ ލިޔެކިޔުން ހުށަހެޅިދާނެއެވެ. މިސާލަކަށް ޕޮލިހަށް ރިޕޯޓުކޮށްފައިވާކަން އަންގައިދޭ ލިޔުން ނުވަތަ އަނިޔާ ލިބުނުކަން އަންގައިދޭ ޞިއްޙީ ފަރުވާ ދޭ ތަނަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ފޯނުން މުޢާމަލާތުތަކެއް ކޮށްފައިވާނަމަ، ސްކީންޝޮޓް ފަދަ ލިޔެކިޔުން ހުށަހެޅިދާނެއެވެ. އަދި ގެވެށި އަނިޔާގެ ޢަމަލު ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަން އެނގޭ މީހުން ތިބިނަމަ، ހެކިންގެ ގޮތުގައި ހުށަހެޅިދާނެއެވެ.
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް ސިއްރު ކުރެވިދާނެތޯ؟
މައްސަލައިގެ ބާވަތަށް ބަލައި، ކޯޓަށް ފެނިއްޖެހިނދެއްގައި، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އެދިއްޖެހިނދެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް، ޢާންމުންނަށް ހުޅުވާނުލާ، އަޑުއެހުންތައް ސިއްރު ޖަލްސާއެއްގެގޮތުގައި ބޭއްވިދާނެއެވެ.
އަމުރު ތަންފީޛުކުރުމަށް ކޯޓުން ފުލުހުންނަށް އަމުރު ކުރެވިދާނެތޯ؟
ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭގެއާ އެންމެ ގާތުގައި ހުރި ފުލުހުންގެ އޮފީހެއްގެ އެންމެ އިސް އޮފިސަރު މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރު ތަންފީޛުކުރުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.
ކޯޓަށް އެހެން މައްސަލައެއް ހުށަހަޅާފައި އޮތުމަކީ އަމުރު ނެރުމަށް ހުރަހަކަށްވާނެތޯ؟
ނުވާނެ. އަމުރު ނިސްބަތްވާ މީހާއާ ގުޅޭގޮތުން ނުވަތަ އަމުރަށް އެދިފައިވާ މީހާއާ ގުޅޭގޮތުން، ވަރިކައިވެނީގެ ދަޢުވާއެއް، ނުވަތަ ބަލަދުވެރިކަމުގެ ދަޢުވާއެއް ނުވަތަ ދަރިފުޅު ހޯދުމުގެ ދަޢުވާއެއް ނުވަތަ އެ ދެފަރާތުގެ ގުޅުމާ ގުޅޭގޮތުން އުފެދިފައިވާ އެހެން ދަޢުވާއެއް ނުވަތަ ޖިނާއީ ދަޢުވާއެއް ހިނގަމުންދިޔުމަކީ ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ހުރަހަކަށްވެދާނެ ސަބަބެއްނޫނެވެ.
ފެމިލީ ކޯޓުން ނެރޭ ކޯޓު އަމުރެއް، އެހެން ރަށެއްގައި ހުރި މީހަކަށް ތަންފީޛުކުރެވޭނެތޯ؟
އާއެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ނެރެވޭ ކޯޓު އަމުރުތަކަކީ މުޅި ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނެ ކޯޓު އަމުރުތަކެކެވެ.
ރައްކާތެރިކުރުމުގެ އަމުރު ތިންވަނަ ފަރާތަކަށް ނިސްބަތްވުން
ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ކުރާއިރު، އެ އަމުރު ނިސްބަތްވާ މީހާ ގެވެށި އަނިޔާގެ ގޮތުގައި ބެލެވޭ ޢަމަލެއް ސީދާ ހިންގުމުގެ ބަދަލުގައި އެކަން އޭނާ ކުރުވަނީ އެހެން މީހަކަށް ހިތްވަރުދީގެން ނުވަތަ އެހެން މީހެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ތިންވަނަ ފަރާތާ ދެކޮޅަށްވެސް ރައްކާތެރިކުރުމުގެ އަމުރު ކޯޓަށް ނެރެވިދާނެއެވެ.
އަމުރަށް އެދޭ މީހާ ނޫން އެހެން މީހެއް ރައްކާތެރިކުރަން އެދެވިދާނެތަ؟
އަމުރަށް އެދޭ މީހާގެ އިތުރުން އިތުރު ފަރާތެއް ރައްކާތެރިކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދުމުން، އަމުރަށް އެދޭ މީހާގެ އިތުރުން އަނިޔާއަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ އެހެން މީހުންވެސް ރައްކާތެރިކުރެވިގެންވާނެއެވެ. މިސާލަކަށް އަމުރަށް އެދޭ ފަރާތުގެ ދަރިން، މައިންބަފައިން ނުވަތަ ގޭގައި ދިރިއުޅޭ މީހުން
ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ވަކި ކަންތައްތަކެއް ނުކުރުމަށް ނުވަތަ މުޢާމަލާތްކުރުން މަނާކޮށް އަމުރު ނިސްބަތްވާ ފަރާތަށް އަމުރުކުރެވިދާނެތަ؟
އާއެކެވެ. ރައްކާތެރިކުރެވިގެންވާ މީހާއާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ، އެއް ގެއެއްގައި ދިރިއުޅޭ ޙާލަތުގައި، އެ ނިސްބަތަށް މެނުވީ، ރައްކާތެރިކުރެވިގެންވާ މީހާއާމެދު އަންނަނިވި ކަންކަން ނުކުރުމަށްވެސް، ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާގެ މައްޗަށް، ކޯޓަށް ލާޒިމުކުރެވިދާނެއެވެ.
- ރައްކާތެރިކުރެވިގެންވާ މީހަކު ދިރިއުޅޭ ގެއަށް، ނުވަތަ މަސައްކަތްކުރާ ތަނަށް، ނުވަތަ ވަޒީފާ އަދާކުރާ ތަނަށް، ނުވަތަ ކިޔަވައިދޭ ތަނަށް، ނުވަތަ ކިޔަވަންދާ ތަނަށް ނުވަތަ އެނޫންވެސް އޭނާ ޢާންމުކޮށް ޒިޔާރަތްކުރާ ތަނަށް ވަދެނުކުތުމަށް ހުރަސް އެޅުން؛ ނުވަތަ އޭނާ އެތަންތަނަށް ވަންނަ ގަޑީގައި އޭނާއަށް އުނދަގުލެއް ކުރުމަށް ނުވަތަ އޭނާ އުޅޭނޫޅޭގޮތް ބެލުމަށް އޭނާގެ ފަހަތުން ދިޔުން.
- ރައްކާތެރިކުރެވިގެންވާ މީހާގެ ފަހަތުން ހިނގުމާއި އޭނާ ދާ ތަންތަނަށް ދިޔުމާއި، އޭނާ ހުއްޓުވުމާއި، އޭނާއަށް ގޯނާކުރުމާއި، އޭނާއަށް ވަށްބަހުން ހަމަލާދިނުން.
- ރައްކާތެރިކުރެވިގެންވާ މީހާގެ ހުއްދަ ކަނޑައެޅިގެން ސާފުބަހުން ލިބިގެން މެނުވީ، އޭނާ ދިރިއުޅޭ ގެއަކަށް، ނުވަތަ އޭނާ ހުރި ތަނަކަށް، ވަނުން ނުވަތަ އެތަނެއްގައި އުޅުން ނުވަތަ ހުރުން.
- ރައްކާތެރިކުރެވިގެންވާ މީހާގެ ދަރިފުޅު ދެކެން ނުވަތަ ބެލުމަށް ނުވަތަ ޒިޔާރަތްކުރުމަށް ވެވިފައިވާ އެއްބަސްވުމެއް ނުވަތަ އަމުރެއްގެ ދަށުން ހުއްދަކޮށްފައިވާ މިންވަރަށް، ރައްކާތެރިކުރުމުގެ އަމުރުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ޚާއްޞަ ޝަރުޠުތަކެއްގެމަތިން، ހުއްދަކުރެވިފައިވާ ނިސްބަތަށް، އެ މިންވަރަށް ނުވަތަ ކޮންމެހެން ބައިވެރިވާންޖެހޭ ޢާއިލީ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ބައިވެރިވާންޖެހޭ ނިސްބަތަށް، އެ މިންވަރަށް މެނުވީ އެއްވެސް މުޢާމަލާތެއް ފޯނު މެދުވެރިކޮށް، ނުވަތަ ސިޓީ މެދުވެރިކޮށް، ނުވަތަ އީމެއިލް މެދުވެރިކޮށް، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކުން ރައްކާތެރިކުރެވިގެންވާ މީހާއާ ކުރުން.
ރައްކާތެރިކުރުމުގެ އަމުރުގެ ޢާންމު ޝަރުޠުތަކަކީ ކޮބާ؟
ރައްކާތެރިކުރެވިގެންވާ މީހާއަށް، އަންނަނިވި އެއްވެސް ޢަމަލެއްނުކުރުން
(ހ) ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކުރުން.
(ށ) ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން.
(ނ) އެއްވެސް މުދަލަކަށް ގެއްލުމެއްދިނުން. ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން.
(ރ) ބިރުގެންނެވުމުގެގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެގޮތުން، ނުވަތަ އޭނާއަށް ނަފްސާނީގޮތުން އަނިޔާކުރުމުގެގޮތުން އެއްވެސް ޢަމަލެއް ކުރުން. ނުވަތަ އެފަދަ ޢަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން.
(ބ) ރައްކާތެރިކުރެވިގެންވާ މީހާއާމެދު ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ ނުކުރުމަށް އަންގާ އެއްވެސްކަމެއް އެހެން މީހަކު މެދުވެރިކޮށްނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.
މުޢާމަލާތް ނުކުރުން ޝަރުޠުކޮށްފައިވާ ކުރުން ހިނގާނީ ކޮން ޙާލަތްތަކެއްގައި؟
މުޢާމަލާތް ނުކުރުން ޝަރުޠުކޮށްފައިވާ ކުރުން ހިނގާނީ، ރައްކާތެރިކުރެވިގެންވާ މީހާގެ އިޒުނަ ސާފުބަހުން ލިބިގެން، ރައްކާތެރިކުރެވިގެންވާ ފަރާތާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތާ، ދެމީހުން، ރައްކާތެރިކުރެވިގެންވާ މީހާގެ ރުހުމުގައި އެއް ގެއެއްގައި ދިރިއުޅޭ ޙާލަތް ނޫން ޙާލަތްތަކުގައެވެ. ރައްކާތެރިކުރެވިގެންވާ މީހާގެ ހުއްދަ ސާފުބަހުން ލިބިގެން، އެއް ގެއެއްގައި ދިރިއުޅެމުންދާހާހިނދަކު، މުޢާމަލާތްނުކުރުމުގެ މައްޗަށް ކަނޑައެޅިފައިވާ ޝަރުޠުތައް، އެ ޙާލަތުގައި، އެ މިންވަރަށް، ހުންނާނީ ހިފެހެއްޓިފައެވެ.
އަމުރު ނިސްބަތްވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތަށްކަމުގައިވާނަމަ، އެ ޝަރުތުތައް އެ އެންމެނަށް ހިނގާނެތަ؟
އާއެކެވެ. ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތަށްކަމުގައިވާނަމަ، އެ އަމުރު ނިސްބަތްވާ ހަމަކޮންމެ ފަރާތެއްގެ މައްޗަށްވެސް މުޢާމަލާތް ނުކުރުމުގެ ޝަރުޠުތައް، އެ ނިސްބަތަށް ހިނގާނެއެވެ.
މުޢާމަލާތްނުކުރުމުގެ ޝަރުޠުތައް ތަކުރާރުކޮށްވެސް ހިފެހެއްޓިދާނެތަ؟
މުޢާމަލާތްނުކުރުމުގެ ޝަރުޠުތައް އެއްފަހަރު ނުވަތަ ތަކުރާރުކޮށްވެސް ހިފެހެއްޓިގެން ހިނގައިދާނެއެވެ. އަދި އެއްފަހަރަށްވުރެ ގިނަފަހަރު އިޢާދަވެސް ކުރެވިދާނެއެވެ.
އެއް ގެއެއްގައި ދިރިއުޅުމަށް ރައްކާތެރިކުރެވިގެންވާ މީހާ ދީފައިވާ ހުއްދަ އަނބުރާގެންގޮސްފިހިނދެއްގައި، މުޢާމަލާތް ނުކުރުން ޝަރުޠުކޮށްފައިވާ ކުރުން ހިނގަން ފަށާނެތަ؟
އާއެކެވެ. ރައްކާތެރިކުރެވިގެންވާ މީހާއާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ އެއް ގެއެއްގައި ދިރިއުޅުމަށް ރައްކާތެރިކުރެވިގެންވާ މީހާ ދީފައިވާ ހުއްދަ އަނބުރާ ގެންގޮސްފި ހިނދެއްގައި، ހިފެހެއްޓިފައިހުރި މުޢާމަލާތްނުކުރުމުގެ ޝަރުޠުތައް ހިފެހެއްޓިފައި ހުރިހުރުން ނިމުމަކަށް އައިސް، އެ ޝަރުޠުތައް އޭގެ ފުރިހަމަ ޒާތުގައި، އެހިނދުން ފެށިގެން ހިނގަންފަށާނެއެވެ.
ޙާއްޞަ ޝަރުތު ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަނީ ކޮންކަމަކަށް؟
ޚާއްޞަ ޝަރުޠެއް ކަނޑައަޅައި، އެ ޝަރުޠަށް ތަބާވުން ލާޒިމުކުރާނީ، ރައްކާތެރިކުރެވިގެންވާ ފަރާތުގެ ރައްކާތެރިކޮށްދޭންޖެހޭ ޚާއްޞަ މަޞްލަޙަތުތަކެއް ހުރިކަމަށް ކޯޓަށް ފެނިއްޖެހިނދެއްގައި، އެ މަޞްލަޙަތުތައް ޙިމާޔަތްކޮށްދިނުމަށް ބޭނުންވާ މިންވަރަށެވެ.
ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރޭހިނދު، އަމުރު ނިސްބަތްވާ މީހާއަށް ލާޒިމުކުރެވޭ އެހެން ޝަރުތުތަކަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރޭހިނދު، ރައްކާތެރިކުރެވިގެންވާ މީހާ ނުވަތަ އެމީހާގެ ދަރިއެއް ރައްކާތެރިކުރުމަށްޓަކައި އެ އަމުރު ނިސްބަތްވާ މީހާ ބައެއް ޚާއްޞަ ޝަރުޠުތަކަށް ތަބާވާންޖެހޭކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ކޯޓުން އެ އަމުރު ނިސްބަތްވާ މީހާގެ މައްޗަށް އަންނަނިވި ޝަރުޠުތައް އަދި މިނޫންވެސް މިބާވަތުގެ ޝަރުޠުތައް ލާޒިމުކުރެވިދާނެއެވެ.
1. ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު؛
2. ޙަޟާނާތުގެ އަމުރު؛
3. ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރު.
ދިރިއުޅޭނެ ގެއާ ގުޅިގެން ކުރާ ކޯޓު އަމުރެއް ކޯޓުން ލާޒިމްކުރެވިދާނެ ކަންކަމަކީ ކޮބާ؟
ދިރިއުޅޭނެގެއާ ގުޅިގެން ކުރާ ކޯޓު އަމުރެއް ކުރުމުގައި ކޯޓަށް އަންނަނިވި ކަންކަން ލާޒިމްކުރެވިދާނެއެވެ.
- ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާ އެފަދަ ޢަމަލުތަކުން ދުރުހެލިކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ޢަދަދެއްގެ ފައިސާ ބަހައްޓަން އޭނާއަށް އެންގިދާނެއެވެ. އަދި ދިރިއުޅޭނެގެއާ ގުޅިގެން ކުރާ ކޯޓު އަމުރާ ޚިލާފުވެއްޖެނަމަ، މިގޮތަށް ކޯޓުގައި ބަހައްޓާ ފައިސާ ކޯޓަށް އަތުލެވިދާނެއެވެ.
- ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކާ އެންމެ ގާތުގައި ހުރި ފުލުހުންގެ އޮފީހެއްގެ އެންމެ އިސް އޮފިސަރަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް ރައްކާތެރިކަންދިނުމަށް ނުވަތަ ކޯޓު އަމުރަކަށް އެދުމަށް ނުވަތަ އެ އަމުރު ތަންފީޛުކުރުމަށް އެހީތެރިވެދިނުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.
- ދެފަރާތުގެ މާލީ ފުދުންތެރިކަމާއި މާލީ ބޭނުންތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ ދިރިއުޅެމުންދާ ގޭގެ ކުލި ދެއްކުމަކީ، ނުވަތަ އެ ގެއާ ގުޅިގެން ދައްކަންޖެހޭ އެހެން ފައިސާއެއްވާނަމަ އެ ފައިސާއެއް ދެއްކުމަކީ، ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާ ކުރަންޖެހޭނެ ކަމެއްކަމަށް ކޯޓަށް ލާޒިމްކުރެވިދާނެއެވެ.
ޙާއްޞަ ޝަރުތު ދެމިއޮންނާނެ މުއްދަތަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަމުރެއްގައި ޚާއްޞަ ޝަރުޠެއް، ކޯޓުން ކަނޑައަޅައިފިހިނދެއްގައި އެ އަމުރުގެ މުއްދަތަށް އެ ޚާއްޞަ ޝަރުޠުވެސް ދެމިއޮންނާނެއެވެ. އެއީ، އެ ޝަރުޠަށް ކޯޓުން ބަދަލު ނުގެންނަހާހިނދަކު ނުވަތަ އެ ޝަރުޠު ކޯޓުން އުވާނުލާހާހިނދަކުއެވެ.
ފައިސާގެ ބަދަލު ނަގައިދިނުމަކީ ކޮބާ؟
ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހާ، އޭނާގެ ހިންގި ގެވެށި އަނިޔާގެ ސަބަބުން އެ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި، ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލުނަގައިދިނުމަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ އެދިއްޖެހިނދެއްގައި، ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަލަދެކެވެ.
ޙަޟާނަތުގެ އަމުރެއްކުރެވިދާނެ ޙާލަތްތަކަކީ ކޮބާ؟ ޙަޟާނަތުގެ އަމުރެއްގައި ކޯޓުން ލާޒިމްކުރެވިދާނެ ކަންކަމަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާހިނދު ކޯޓުގެ ކޮންމެ މަރުޙަލާއެއްގައިވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ދަރިންނަށް ގެއްލުމެއް ލިބިދާނެފަދަ ޙާލަތެއް ނުވަތަ އެކުދިންގެ މަޞްލަޙަތެއް ގެއްލިދާނެފަދަ ޙާލަތެއް މެދުވެރިވެދާނެކަމުގެ ބިރުއޮތްކަން ކޯޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއާ ނުވަތަ ޙަޟާނާތުގެ އަމުރަކަށް އެދޭ މީހާއާ އެކުދިންގެ ޙަޟާނާތް ޙަވާލުކުރުމަށް އަމުރުކޮށް ވަގުތީ ޙަޟާނާތުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ. އަދި މިފަދަ އަމުރެއްކުރުމުގައި އެކުދިންނަށް ޒިޔާރާތްކުރުމުގެ ޙައްޤު ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއަށް ދެވިދާނެއެވެ. ނަމަވެސް، މިފަދައިން ޒިޔާރާތްކުރުމުގެ ޙައްޤެއް ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއަށް ދިނުމުގެ ސަބަބުން އެކުދީންނަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއަށް އެކުދީންނަށް ޒިޔާރާތްކުރުން ކޯޓުން މަނާކުރެވިދާނެއެވެ.
ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަމުރު، އަވަސް އަމުރެއްގެ ގޮތުގައި ނެރޭ ޙާލަތުގައި ފިޔަވައި، ރައްކާތެރިކުރުމުގެ އަމުރެއް ނެރެފިނަމަ، އެ އަމުރު ކޯޓުން ބާޠިލުކުރަންދެން، ޞައްޙަ ޤާނޫނީ އަމުރެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. މިގޮތުން ރައްކާތެރިކުރުމުގެ އަމުރެއް ފުރަތަމަ ފަހަރަށް ނެރޭނީ އެންމެ ދިގުވެގެން 1 އަހަރުދުވަހުގެ މުއްދަތަށެވެ.
ގެވެށި އަނިޔާގެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކައުންސިލިން ލިބިދިނުމަށް ކޯޓުން އަމުރުކުރެވިދާނެތަ؟
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހިންގޭ އެއްވެސް ޝަރީޢަތުގެ މަރުޙަލާއެއްގައި، ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ، އެކުގައި ނުވަތަ ވަކިވަކިންނަމަވެސް، ކައުންސިލިން ލިބޭނެ އިންތިޒާމެއް އޮތޯރިޓީން ހަމަޖައްސައިދިނުމަށް ކޯޓަށް އެންގިދާނެއެވެ.
ރައްކާތެރިކުރުމުގެ އަމުރަށް ބަދަލުގެނައުމަށް އެދެވިދާނެތަ؟
އަމުރަށް އެދުނު މީހާ ނުވަތަ އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުމަކީ އެންމެ ރަނގަޅު ހުށަހެޅުމެއްކަން ކޯޓަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިކޮށް، އެ އަމުރަށް ބަދަލު ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ހ) ޚާއްޞަ ޝަރުޠެއް އުނިކުރުން ނުވަތަ ބަދަލުކުރުން.
(ށ) ޚާއްޞަ ޝަރުޠެއް އިތުރުކުރުން.
(ނ) ވަކިކަމެއް ކުރުމަށް އަންގާފައިވާ ގޮތަކަށް ބަދަލުގެނައުން ނުވަތަ އެކަމެއް ކުރަން ނުޖެހޭގޮތަށް ހެދުން.
(ރ) ވަކިކަމެއްގެ އިރުޝާދު ވަކިގޮތަކަށް ދިނުން.
ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު އިތުރު ކުރަން އެދެވިދާނެތަ؟
އާއެކެވެ. ކޯޓުގެ ނިންމުމަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަމުރެއްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. އެކަން ކޯޓުން ކުރާނީ، އެކަމަށްއެދި ކޯޓަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުން، ކުރިން ނެރެފައިވާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ 7 ދުވަސްކުރިން މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.
ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، ރައްކާތެރިކުރުމުގެ އަމުރެއް ކުރުމުގެ ކުރިން، މައްސަލައިގައި ހިމެނޭ ދެމީހުން ކޯޓަށް ހާޒިރުކުރެވި، ދެމީހުންގެ ވާހަކަ އަޑުއެހުމަށްފަހުގައި ކުރެވޭ އަމުރާ ޚިލާފަށް، މައްސަލަ ހުށަހަޅާ މީހާގެ ވާހަކައަށް އެކަނި ބިނާކޮށް، އެ މައްސަލަ ހުށަހެޅުނުކަން އަނެއް ފަރާތަށް އެންގުމަކާ ނުލާ، ނެރޭ އަމުރެކެވެ.
ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރަން އެދެވިދާނެތަ؟
އާއެކެވެ. ރައްކާތެރިކުރުމުގެ އަމުރެއް ކުރުމަށްފަހު ހިނގާ މުއްދަތުގައި، އެ އަމުރަށް އެދުނު މީހާ ނުވަތަ އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުމަކީ ކޯޓަށް ޤަބޫލުކުރެވޭ ހުށަހެޅުމެއްކަމަށްވެއްޖެނަމަ، ކޯޓުން ކުރާ އެހެން އަމުރަކުން، ރައްކާތެރިކުރުމުގެ އަމުރު ބާޠިލުކުރެވިދާނެއެވެ. ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ބާޠިލުކުރާނީ، އެ އަމުރެއް ދެމިއޮތުމުގެ ޙާލަތު ބަދަލުވެއްޖެކަމަށް ނުވަތަ ނިމުމަކަށް އަތުވެއްޖެކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމައެވެ.
އަވަސް އަމުރު ނިމުމަކަށް ނުގެންނަނަމަ ވާނީ ކިހިނެތް؟
3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އަވަސް އަމުރު ނިމުމަކަށް ނުގެންނަނަމަ، ނުވަތަ އެ އަމުރާ ގުޅޭގޮތުން އެ އަމުރު ނިސްބަތްވާ ފަރާތުން މައްސަލައެއް ހުށަހަޅާފައިނުވާނަމަ، 3 މަސްދުވަސް ހަމަވުމުން، އެއީ ދާއިމީ އަމުރަކަށް ބަދަލުވެގެންދާނެއެވެ. ދާއިމީ އަމުރުގެ މުއްދަތަކީ 1 އަހަރެވެ.
އަވަސް އަމުރުގެ މުއްދަތަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ ވަގުތީ އަމުރެކެވެ. އެ އަމުރު ދެމިއޮންނާނީ، އެ އަމުރު ނިމުމަކަށް ނުގެންނަހާހިނދަކު، ގިނަވެގެން 3 މަސްދުވަހުގެ މުއްދަތަށެވެ.
އަވަސް އަމުރު ނެރުމުގައި ކޯޓުން ރިޢާޔަތްކުރާ ކަންތައްތަކަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރާނެއެވެ.
(ހ) އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަންކަން.
(ށ) އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަން.
(ނ) އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން، އެ އަމުރަށް އެދުނު ފަރާތުގެ މަޞްލަޙަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަން.
އަވަސް އަމުރު ކޯޓުން ނެރެދޭ ޙާލަތްތަކަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަވަސް އަމުރު ކޯޓުން ކުރާނީ، އަންނަނިވި ޙާލަތްތައް ހުރިކަމަށް ކޯޓަށް ފާހަގަކުރެވޭނަމައެވެ.
(ހ) ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަމުރެއްކުރުން އެއީ، މައްސަލަ ހުށަހަޅާ ފަރާތަށް އެ ޙާލަތުގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެނުން.
(ށ) މައްސަލަ ހުށަހަޅާ ފަރާތަށް ލިބެންވާ އިންސާފު ނުލިބިދާނެފަދަ ޙާލަތެއްކަމަށް ފެނުން.
(ނ) މައްސަލަ ހުށަހަޅާ ފަރާތަށްއޮތް ނުރައްކާ އިތުރުވެގެންހިނގައިދާނެ ކަމެއްކަމަށް ފެނުން.
(ރ) މައްސަލަ ހުށަހަޅާ ފަރާތަކީ ދަތި އުނދަގޫ ޙާލަތެއްގައިވާ މީހަކަށްވުން.
އަވަސް އަމުރު ނެރުމުގައި ކޯޓުން ރިޢާޔަތްކުރާ ކަންތައްތަކަކީ ކޮބާ؟
ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރާނެއެވެ.
(ހ) އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަންކަން.
(ށ) އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަން.
(ނ) އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން، އެ އަމުރަށް އެދުނު ފަރާތުގެ މަޞްލަޙަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަން.
އަމުރު ނިސްބަތްވާ ފަރާތުގެ ބަހެއް ނެތި އަވަސް އަމުރު ކުރުމުގެ ފުރުސަތު އޮންނައިރު، އެފަދަ އަމުރެއް ކުރުމުން އަމުރު ނިސްބަތްވާ ފަރާތަށް ލިބިދެވޭ ޙައްޤުތަކަކީ ކޮބާ؟
އަވަސް އަމުރެއް ކޯޓުން ކޮށްފިހިނދެއްގައި އަންނަނިވި ޙައްޤުތައް އެ އަމުރު ނިސްބަތްވާ ފަރާތަށް ލިބިގެންވެއެވެ.
- އަމުރު ދާއިމީ އަމުރަކަށްވުމުގެ ކުރިން، އޭނާގެ ވާހަކަ އަޑުއެހުމަށް ކޯޓުގައި އެދުން.
- އަމުރުގައި ހިމެނޭ ޝަރުޠަކަށް ނުވަތަ ކަމަކަށް ބަދަލުގެނައުމަށްއެދި ނުވަތަ ބާޠިލުކޮށްދިނުމަށްއެދި، ކޯޓުގައި އެދުން.
- އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދުން.
- އަމުރާމެދު އިޢުތިރާޟްކުރާކަން އެންގުން.
އަމުރަކަށްއެދި ހުށަހެޅުމުން، ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އަމަލުކުރާނީ ކިހިނެތް؟
ރައްކާތެރިކުރުމުގެ އެއްވެސް އަމުރެއް ކޮށްފިހިނދެއްގައި، އެ އަމުރަކާމެދު ހިތްހަމަނުޖެހޭ ފަރާތުން ނުވަތަ އަމުރެއް ނުކޮށްފިނަމަ އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތުން، އިސްތިޢުނާފުކުރުމުގެ ޢާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހައިކޯޓުގައި އިސްތިޢުނާފުކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ.
އަވަސް އަމުރާ ގުޅޭގޮތުން އަމުރު ނިސްބަތްވާ މީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ ވާނީ ކިހިނެތް؟
އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، އެހެންވެސް އަމުރެއް ނެރުމުގެ ކުރިން މައްސަލަ ހިނގާ އުސޫލުން، އެ މައްސަލަ، ދެމީހުން ހާޒިރުކޮށްގެން، ނުވަތަ ދެމީހުންމެ ތަމްސީލުކުރެވިގެންވާ ގޮތުގައި، ކޯޓުން ބަލާނެއެވެ. އަދި ކުރިން ކޮށްފައިވާ ވަގުތީ އަމުރު އެގޮތުގައި ދެމެހެއްޓުމާއި، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ބާޠިލުކުރުމާމެދު ކޯޓުން ގޮތެއް ނިންމާނެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކައިވެނި ތަފްރީޤުކުރަން ހުށަހެޅިދާނެތަ؟
އާއެކެވެ. ނަމަވެސް މި ޤާނޫނުގެ ދަށުން ތަފްރީޤުކުރެވޭނީ ކޯޓުން ކުރާ ތަފްރީޤުކުރުމުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރަކީ ޝަރުޢީ ޙުކުމެއްގެ އުސޫލު ހިނގާނެ އަމުރެކެވެ.
ތަފްރީޤުކުރުމަކީ ކޮބާ؟
ތަފްރީޤުކުރުމަކީ ކައިވެނިކޮށްގެން އުޅޭ ދެމީހުންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން، އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، އެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދެމިއޮތްކަމަށް ކޯޓަށް ކަށަވަރުވާހިނދު، އެ ދެމީހުންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން ޝަރުޢީގޮތުން ރޫޅާލައި، އެ ކައިވެނި ނިމުމަކަށް ގެނައުމެވެ.
ތަފްރީޤު އަމުރަކަށް އެދުމުން، ޢާއިލާއާބެހޭ ޤާނޫނުގެ މާއްދާތައް ތަޠުބީޤުކުރާނެތޯ؟
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތަފްރީޤު އަމުރަކަށް އެދުމުން، ކޯޓުން ޢަމަލުކުރާނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައިވާ މާއްދާތަކަށެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކައިވެނި ތަފްރީޤުކުރެވިދާނެ ޙާލަތްތަކަކީ ކޮބާ؟
ތަފްރީޤުކުރެވިދާނެ ޙާލަތްތައްކަމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅަފައިވާ ސަބަބުތަކުގެ ތެރެއިން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތަފްރީޤުކުރެވޭނީ ކައިވެނީގެ ގުޅުމުން ގުޅިފައިވާ ދެމީހުންގެ ތެރެއިން، ފިރިހެންމީހާ އަންހެންމީހާގެ މައްޗަށް ގެވެށި އަނިޔާގެ ޢަމަލު ހިންގިހިނދު، އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާ ތަފްރީޤުކޮށްދިނުމަށް ކޯޓުގައި އެދިއްޖެ ހިނދު، އަންނަނިވި ކަންކަން ކޯޓަށް ޤަބޫލުކުރެވޭނަމައެވެ.
- އެ ޢަމަލަކީ ގެވެށި އަނިޔާގެ ޢަމަލު ހިންގި ފިރިހެންމީހާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާ ޞުލްޙަވެރި ދިރިއުޅުމެއް ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ބޮޑު ނުވަތަ ނުރައްކާތެރި ޢަމަލެއްކަން.
- ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެންމީހާގެ ރައްކާތެރިކަމާއި ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކޮށްދެވެންނެތް ބޮޑު ނުރައްކާތެރި ޢަމެލެއް ކަން.
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކުރާ އެހެން ފިޔަވަޅުތައް އެޅުމުންވެސް، އެ ދެމަފިރިންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން ދެމެހެއްޓޭވަރަށްވުރެ ނުރައްކާތެރި ނުވަތަ ދެރަ ޙާލަތަކަށް އެ ދެމަފިރިންގެ ގުޅުން އެ ޢަމަލުގެ ސަބަބުން ވާސިލުވެފައިވާކަން.
ކައިވެނި ތަފްރީޤުކުރުމުގެ ނަތީޖާއަކީކޮބާ؟
ކައިވެނި ތަފްރީޤުކުރުމުގެ އަމުރެއް ކޯޓުން ކޮށްފިނަމަ، އެ އަމުރު ކުރި ވަގުތުން ފެށިގެން އެ ކައިވެނި ނިމުމަކަށް އަންނާނެއެވެ. އަދި ކައިވެންޏެއް ތަފްރީޤުކުރުމުން އިސްލާމީ ޝަރީޢަތުގައި ހިނގާ އުސޫލުތައް އެ ދެމީހުންގެ މައްޗަށް އެވަގުތުން ފެށިގެން ހިނގަންފަށާނެއެވެ.
