Skip to main contentScroll Top

ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

ތަޢާރަފު

މިއީ، ޢާއިލާތަކުގެ ބިންގާ ހަރުދަނާ ގޮތެއްގައި އެޅުމަށް އެހީތެރިވެދީ ޢާއިލާތަކުގެ ބަދަހިކަން އިތުރު ކުރުމަށްޓަކައި ‘ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމު’ގެ ނަމުގައި ފެމިލީ ކޯޓުން ހިންގާ ޕްރޮގްރާމެކެވެ.

މަޤްޞަދު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 34 ވަނަ މައްދާގައި ޢާއިލާއަކީ މުޖްތަމަޢުގެ ޠަބީޢީ އަސާސްކަމުގައި ވީހިނދު، ޢާއިލާތަކުގެ ގުޅުމާއި އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުމުގެ މަޤްޞަދުގައާއި، ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ސައްތައިން ސަންތަ މުސްލިމުން ދިރިއުޅެމުންގެންދާ އިސްލާމީ މުޖްތަމަޢެއްކަމުގައި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، ޢާއިލާތައް އެގޮތުގެމަތިން ބިނާކުރުމާއި ޢާއިލާތައް ޙިމާޔަތްކުރުމައްޓަކައި އެހީތެރިވެދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އަމާޒުކުރެވިފައިވާ ފަރާތް

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މުޅިން އަލަށް ކާވެނިކުރާ ފަރާތްތަކަށެވެ. ނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮންމެ ބޭފުޅަކަށްވެސް ޖާގައޮތް މިންވަރަކުން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.

ޕްރޮގްރާމް ހިންގާ ގޮތް

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހޭލުންތެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި ފޯމު ހުށަހެޅުމުން ކޯޓަށް ޕްރޮގްރާމްގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހުގައެވެ. މި ދެދުވަހުގެ ތެރެއިން ބޭނުން ކޮންމެވެސް އެއްދުވަހަކު ޕްރޮގްރާމްގައި ބައިވެރިވެވިދާނެއެވެ.

މި ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވަނީ މި ކޯޓުގެ ކާވެނި ކޮށްދިނުމާއި ރަޖިސްޓްރީ ކޮށްދިނުމާ ބެހޭ ބައި (ކޯޓުގެ ހެންވެއިރު އިމާރާތް، މޫންލައިޓް ހިނގުން، ލޮނުޒިޔާރަތް ޕާކް ކުރިމަތި) ގައެވެ.

ޕްރޮގްރާމް ފެށޭގަޑި: 16:00  

ބްރޭކް ގަޑި: 18:00 އިން 19:00 އަށް. 

ޕްރޮގްރާމް ނިމޭގަޑި: 21:00 

ރަމަޟާން މަހުވެސް މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހާއި ބުދަ ދުވަހުގައެވެ.

ރަމަޟާން މަހު ޕްރޮގްރާމް ފެށޭގަޑި: 13:15   

ރަމަޟާން މަހު ޕްރޮގްރާމް ނިމޭގަޑި: 15:30

ޕްރޮގްރާމްގައި ހިމެނޭ ބައިތައް:

2 - ޞިއްޙީ ބައި: ކައިވެންޏާއި ޞިއްޙީ ދުޅަހެޔޮކަން.

ކާވެނި ކުރާއިރު ޞިއްޙީގޮތުން އެނގެންޖެހޭ މުހިއްމު ކަންކަން އަންގައިދިނުމާއި، ޢާއިލާއެއް ބިނާކުރަން ފެށުމުގެ ކުރިން ބޭނުންވާ ޞިއްޙީ މުހިންމު މަޢުލޫމާތު މި ސެޝަނުގައި ޙިއްޞާ ކުރެވޭނެއެވެ.

1 - ދީނީ ބައި: އިސްލާމީ ހިދާޔަތުގެ އަލީގައި ޒަވާޖީ ޙަޔާތެއް ބިނާކުރުން.

މި ބައިގައި ކާވެނީގެ މުހިއްމުކަމާއި، ދެމަފިރިންނަށް ލިބޭ ހައްޤުތަކާ ވާޖިބުތަކުގެ މައްޗަށް ނަޒަރު ހިންގާލާނެއެވެ. މީގެއިތުރަށް ދެމަފިރިންނަށް ޚާއްޞަވާ ފިޤުހީ ޙުކުމްތައް ވެސް މި ސެޝަނުގައި ބައިވެރިންނަށް ކިޔައި ދެވޭނެއެވެ.

4 - އިޖްތިމާޢީ ބައި: އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަން.

މި ސެޝަނުގައި ބައިވެރިއެއް އިޚްތިޔާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި ކާވެންޏެއް ކުރުމަށްފަހު ދެމަފިރިން ދެމެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރާނެގޮތް ކިޔައިދީ، ކައިވެންޏަށްފަހު އިޤްތިޞާދީ ޙަޔާތް ބިނާކުރާނެގޮތާ ގުޅޭ ގޮތުން ބައިވެރިންނާ މަޢޫލޫމާތު ޙިއްޞާ ކުރެވޭނެއެވެ.

3 - ޤާނޫނީ ބައި: ކާވެންޏާ ގުޅުންހުރި އިޖުރާއަތުތައް.

މި ސެޝަނުގައި ކާވެނިކުރުމަށް ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ކާވެނިކުރުމާ ދެމެދު ޢަމަލުކުރާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ދިނުމާއި، ކާވެނިކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމުގައި ދިމާވާ މައްސަލަތަކާއި، އެކަންކަމުގެ ޙައްލު ބަޔާންކޮށްދޭނެއެވެ. އަދި ކާވެނި ކުރުމަށް އެދޭ ދެމީހުންނަށް ޢާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން އަންގައިދޭނެއެވެ.