ކާވެނި ކޮށްދިނުމަށް އެދި ކޯޓަށް ފޯމު ހުށަހެޅޭނީ ކިހިނެތް؟
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު މި ކޯޓުގެ ހެންވެއިރު އިމާރާތުން (މޫންލައިޓް ހިނގުން، ލޮނުޒިޔާރަތް ޕާކު ކުރިމަތި) ބަލައިގަންނާނެއެވެ. މި ކޯޓަށް އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ.
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުރިހަމަ ކުރަން ލާޒިމުވަނީ ކޮން ފަރާތްތަކަކަށް ހެއްޔެވެ؟
ކާވެނި ކޮށްދިނުމަށް އެދި މި ކޯޓަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކުރިން ކާވެންޏެއް ކޮށްފައިނުވާ ފަރާތްތަކެވެ.
ކާވެނި ކުރުމަށް އެދި ހުށަހަޅާ ދެފަރާތުން ތެލެސީމިއާ ބަލި ހުންނަކަން ނުވަތަ ނޫންކަން އަންގައިދޭ ލިޔުން ހުށަހެޅުން ލާޒިމުތޯ؟
އާއެކެވެ. ނަމަވެސް ކާވެނި ކުރުމަށް އެދި ހުށަހަޅާ ދެފަރާތުންކުރެ ފަރާތަކަށް ތެލެސީމިއާ ވާރުތަކުރާގޮތް ނުހުންނަކަން އަންގައިދޭ ލިޔުން ލިބިފައިވާ ޙާލަތުގައި ‘ތެލެސީމިއާ ވާރުތަކުރާގޮތް ނުހުންނަކަން އަންގައިދޭ ލިޔުން’ ލިބިފައިވާ ފަރާތުގެ ލިޔުން އެކަނި ހުށަހެޅުމުން ފުދޭނެއެވެ.
ހަށި ހުއްދަވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ކާވެނިވާން އެދޭ އަންހެނާ އެހެން މީހެއްގެ އަނތްބެއް ކަމުގައި ނުވުމާއި ޢިއްދައެއްގެ މަތީގައި ނުވުމާއި މާބަނޑު ޙާލުގައި ނުވުމެވެ.
ވަލީވެރިޔާ ވީތަނެއް ނޭނގޭނަމަ ވަލީގެ ކަންތައް ހަމަޖައްސާނީ ކިހިނެތް؟
ޝަރީޢަތަށް ހުށަހަޅައިގެންނެވެ.
ރެކޯޑް ސާފުކުރުމަކީ ކޮބާ؟
ކާވެނީވާ ދެ މީހުން ނިސްބަތްވާ ރަށުކޯޓުން އެދެ މީހުންގެ ރެކޯޑް ސާފުކުރެވޭނެއެވެ. އަދި ފިރިހެންމީހާ އެންމެ ފަހުން ވަރި ސާބިތު ކުރި ކޯޓުން ވެސް ރެކޯޑް ސާފުކުރެވޭނެއެވެ. އެގޮތުން ބަލާނީ އެ ދެމީހުން މީގެ ކުރިން ކާވެނިކޮށްފައިވާ ޢަދަދާއި ފިރިހެން މީހާގެ މައްޗަށް އެއްވެސް ޚަރަދެއް ވޭތޯ އާއި ޚަރަދެއް ވާނަމަ ޤަވާޢިދުން ދައްކަމުން ދޭތޯއެވެ.
މަޢުލޫމާތު ސާފުކުރުމަކީ ކޮބާ؟
ފޯމުގައި ލިޔެފައިވާ މަޢުލޫމާތު ޞައްޙަކަން ޔަޤީން ކުރުމަށް ކާވެނިވާ ދެމީހުން ކޯޓަށް ޙާޟިރުކޮށް އެ މަޢުލޫމާތު އޮޅުންފިލުވުމެވެ.
ޚަރަދެއް ސާބިތުވެފައިވާ މީހަކަށް ކާވެނި ކުރެވިދާނެ ހެއްޔެވެ؟
ޙުކުމާ އެއްގޮތަށް ސާބިތު ޚަރަދު ނުވަތަ ޖޫރިމަނާ ދައްކަމުން ނުދާނަމަ އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމުން މެނުވީ ކާވެންޏެއް ނުކުރެވޭނެއެވެ.
އެއް އަނތްބަށްވުރެ ގިނަ އަނތްބަށް ކާވެނިކުރަން އެދި ކޯޓަށް ހުށަހަޅާ ފިރިހެނާއަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ މިންވަރަކީ ކޮބާ؟
މަދުވެގެން މަހެއްގެ މައްޗަށް -/15000 ރ (ފަނަރަ ހާސް ރުފިޔާ)ގެ އާމްދަނީއެއް ލިބޭ މީހަކަށް ވާންޖެހޭނެއެވެ.
ކާވެނި ރަޖިސްޓްރީ ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިނުވާނަމަ އެ ކުށުގެ އަދަބަކީ ކޮބާ؟
-/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ކާވެނި ކުރުމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ ކިހާ މުއްދަތެއްގެ ކުރިން ހެއްޔެވެ؟
މަދުވެގެން ކާވެނިކުރަން އެދޭ ތާރީޚުގެ 07 (ހަތެއް) ދުވަސް ކުރިން ކޯޓަށް ފޯމު ހުށަޅަންވާނެއެވެ.
އަލަށް ކާވެނިކުރާނަމަ ކަންތައް ކުރާނީ ކިހިނެތް؟
ކާވެނިކުރަން އެދޭ ފޯމެއް ހުށަހަޅާނީއެވެ. މި ފޯމް ފެމެލީ ކޯޓުގެ ކާވެންޏާއި ބެހޭ ސެކްޝަނުންނާއި، ފެމެލީ ކޯޓުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ކާވެނިކުރުމަށް ކޯޓަށް ދައްކަންޖެހޭ ފައިސާއަކީ ކޮބާ؟
- ފޯމު ފީގެ ގޮތުގައި 25.00 ރުފިޔާ
- ކާވެނި ރަޖިސްޓްރީ ފީގެ ގޮތުގައި 100.00 ރުފިޔާ
- ނުރަސްމީ ގަޑީގައި ކޯޓުގައި ކާވެނިކުރާނަމަ 500.00 ރުފިޔާ
- ކޯޓުން ބޭރުގައި ކާވެނިކުރާ ނަމަ 1000.00 ރުފިޔާ (މާލެ، ވިލިމާލެ، ހުޅުމާލެ)
- މާލެއިން ބޭރުގައި (ރިސޯޓާއި ސަފާރީ ފަދަ ތަންތަނުގައި) ކާވެނިކުރާ ނަމަ 5000.00 ރުފިޔާ
ރިސޯޓާއި ސަފާރީގައި ކާވެނި ކުރުމަށް އެދި ހުށަހަޅާނަމަ ކާވެނި ކޮށްދޭ މައުޛޫނާއި އޮފިޝަލުން ކާވެނި ކުރާ ތަނަށް ގެންދިއުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، އެކަމަޑޭޝަން ހަމަޖެއްސުމަކީ ކާވެނި ކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.
ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެންޏަށް ފޯމު ފީއާއި ކާވެނި ރަޖިސްޓްރީ ފީގެ އިތުރުން، އިތުރު ފީ އެއް ނުނަގާނެއެވެ.
ރާއްޖެއިން ބޭރުގައި ދިވެއްސަކު ކާވެނި ކުރުމަށް ފަހު ރަޖިސްޓްރީ ކުރުމަށް އެދި ކޯޓަށް ހުށަހަޅަން ޖެހޭނެ މުއްދަތަކީ ކޮބާ؟
ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ދިވެއްސަކު ކުރާ ކާވެނި ރަޖިސްޓްރީ ކުރުމަށް ކާވެނި ކުރާ ދުވަހުން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ވާނެއެވެ. ރަސްމީ އޮފީހެއް ނެތް ޤައުމެއްގައިނަމަ ކާވެނި ކުރި ތާރީޚުން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ވާނެއެވެ.

